ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލު ކުރުމަކީ އަބަދުވެސް ހިނގާ ކަމެއް ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ވަކިކޮށްފައެވެ.
މިކަމާ ގުޅިގެން ފަލާހު ވިދާޅުވީ، ކޮމެޓީތަކުން މެމްބަރުން އެއް ކޮމެޓީން އަނެއް ކޮމެޓީއަށް ބަދަލު ކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައިއަބަދުވެސް ހިނގާކަމެއް ކަމަށެވެ.
ޕީޖީ ގުރޫޕުގެ ޢަދަދާއި ކޮމެޓީތަކުގެ ޢަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މަައްޗަށް ބިނާކޮށް އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކިއިރު ބަދަލު ކުރުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގައި ވެސް އާންމުކޮށް ހިނގާފައި ހުންނަ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
”އެހެން ކަމުން 20 ވަނަ މަޖިލީހުގައިވެސް މިފަދަ ބަދަލުތައް ގެނެވިފައިވެއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް، ކޮމެޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތަައް އަންނަމުން ދާނެއެެވެ.“ ފަލާހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
އަޒާން އެ ދެ ކޮމިޓީން ވަކިކުރުމަށްފަހު، އޭނާ ހަމަޖައްސާފައިވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަދި ޕެޓިޝަން ކޮމިޓީއަށެވެ.
މާލިއްޔަތު ކޮމިޓީއަށް އަލަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ. އަދި 241 ކޮމިޓީއަށް ހަމަޖައްސާފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ.

