އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސިޓީއަށް އިންސާނީ އެހީ ވެއްދުން ހުއްޓުވުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިކަން ކުށްވެރި ކުރެއްވީ ނެރުއްވި ބަޔާނެއްގައެވެ.

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުންވަނީ، އިންސާނީ އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅައިފައެވެ.

އެ އޮފީހުން ބުނީ އެހީގެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް މަނާކުރީ ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމާ ގުޅިގެން ކަމަށެވެ. އަދި ދެވަނަ މަރުހަލާއަށް ދިޔުމާމެދު ހަމާސްއާއެކު އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެއިން ބުނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.

އިޒްރޭލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީ ކުރުވުމުގެ ނިޒާމުތައް ޒިންމާދާރު ކުރުވުމަށާއި، ޣައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.

ފަލަސްތީނު-އިޒްރޭލް މައްސަލައަށް ހައްލު ލިބޭނީ 1967ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމު ކުރެވިގެން ކަމަށް ވެސް ރާއްޖެއިން ވަނީ ބުނެފައެވެ.

އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 07 ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓައިލީ 15 މަސް ދުވަސް ފަހުންނެވެ.