އުރީދޫން ގަތަރު ޗެރިޓީއާ ގުޅިގެން، މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ، ހުޅުމާލެ ގްރޭންޑް މިސްކިތް (ގުއްބު މިސްކިތް) ފުލް އެއަރކޮންޑިޝަން ސިސްޓަމާއެކު އާބާތުރަ ފިލުވުމުގެ މަސައްކަތްކޮށް، އަލުން ހުޅުވައިފިއެވެ.

އެ މިސްކިތް ރޯދައިގެ ކުރިން އަލުން ހުޅުވުމަށްޓަކައި މިދިޔަ މަހުގެ 27 ވަނަ ދުވަހު މަސްޖިދުލް ޝައިހް ގާސިމް ބިން އަލްޘާނީގައި ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ.

މި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން އެޗްޑީސީގެ އިސް އޮފިޝަލުން އަދި އުރީދޫ މޯލްޑިވްސް އިސް އޮފިޝަލުންވެސް ބައިވެރިވެލެއްވިއެވެ.

ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ.

މިސްކިތުގެ ގޯތިތެރެ ގަސްތަކުން ރީތިކޮށްފައިވާއިރު، މިސްކިތުގެ އެތެރޭގެ ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ.

ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.

މިސްކިތް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ އަކީ އެ ކުންފުނިން ފޯރުކޮށްދޭ ކަނެކްޓިވިޓީގެ އިތުރަށް، ހިދުމަތްކުރާ މުޖުތަމައުތަކަށް ފައިދާ ވާފަދަ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ.

 

ހުޅުމާލެ ގްރޭންޑް މިސްކިތް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

”މިސްކިތް މަރާމާތުކުރުމުގެ މި މަޝްރޫއުއަކީ، އިޖްތިމާއީ ހައްގުގައި ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތުގެ ހެއްކެއް. މި މަރާމާތުތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އަމާޒަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެނަށްވެސް ފަސޭހަ ވެއްޓެއް ގާއިމުކޮށްދިނުން. އަދި މި މަޝްރޫއު ހަގީގަތަކަށް ހެދުމުގައި ގަތަރު ޗެރިޓީގެ ދީލަތިކަމާއި އެއްބާރުލުން ފާހަގަކޮށް، ގަތަރު ޗެރިޓީއަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.“ އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ގްރޭންޑް މޮސްކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

 

މި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޮރ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ ގަތަރު ޗެރިޓީގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް މުޖުތަމައުތަކަށް ރަނގަޅު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

”މި ޕްރޮޖެކްޓާއެކު، ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށްވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަން. އުރީދޫ ފަދަ ޕާޓްނަރުންނާ އެކު، މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީއިން މި ތިބީ ތައްޔާރަށް.“ ‏އޭނާ ވިދާޅުވިއެވެ.