ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ސިޓީ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށްވެސް ފޮނުވައިފިއެވެ.

ސުއޫދު އެންމެ ފުރަތަމަ އިސްތިއުފާގެ ސިޓީގެ ފޮނުއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. ޖޭއެސްސީއަށް އިސްތިއުފާގެ ސިޓީ ފޮނުއްވީ އެ ފަހުންނެވެ.

ސުއޫދު އިސްތިއުފާ ދެއްވާފައި މިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭނާގެ ޖިނާއީ މައްސަލައެއް ބަލަމުންދާތީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާ ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.

ސުއޫދާ އެކު، އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަނީ ސަސްޕެންޑް ކޮށްފައެވެ.

ރައީސް މުއިއްޒުއަށް އެޑްރެސް ކުރައްވައި އޭނާގެ ފޮނުއްވި އިސްތިއުފާ ސިޓީގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، އެ މައްސަލަ ބެލުން ހުއްޓުވުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.

އެއީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

އަދި އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އޭނާ އިސްތިއުފާ ދެއްވާ ކަމަށް ސުއޫދުގެ ސިޓީގައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ޑިސެމްބަރު އަށެއްގައެވެ.