މި ހިނގާ ރޯދަ މަހުގައި މާލެ ސަރަހައްދުގައި މުދާ އުފުލާ އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މުދާ އުފުލޭނެ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ އޮފީސްގަޑިތަކާ ދިމާކޮށް ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަކުރުމަށް ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އަށެވެ.
އަދި ރޭގަނޑު މުދާ އުފުލޭނީ 20:00 އިން ހެނދުނު 8:00 އާހަމައަށެވެ.
ވިޔަފާރި އުސޫލުން މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދު ތަކުގައި މުދާ އުފުލުން މަނާ ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން މިއަދުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހާ ހަމައަށް އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 9:30 އަށް، އަދި ހަވީރު 16:33 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް ބަރު އުޅަނދު ދުއްވުމާއި ގަނޑުކޮށް މުދާ އުފުލުން މަނާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ރަމަޟާންމަހުގެ ފަހު 10 ގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 16:30 އަށެވެ.
އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އާ ހަމައަށްކަމަށެވެ.

