ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މާހައުލަކީ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރައްވަމުންގެންދަވާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
ސަރުކާރުން މި މަސައްކަތް ފައްޓަވާފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 14 ވީ ހުކުރު ދުވަހު ރައީސް މުއިއްޒު ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި ރަސްފަންނުގެ ހާލަތު ވަޒަންކުރެއްވުމަށްފަހު އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެންނެވެ.
އެދުވަހު، ރައީސް ވަނީ ރަސްފަންނާއި ސަލްޓަންޕާކްގެ ޙާލަތު ފެނިވަޑައިގެންނެވުމުން ހިތާމަކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
އަދި އެ ދެ ތަނަކީވެސް ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ދެތަން ކަމަށް ވުމާއެކު، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވައި އަދި ކުރިޔަށްވުރެވެސް އެދެތަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން އެމަނިކުފާނު އެދުވަހު ވަނީ ހާމަކުރައްވާފައެވެ.
ރައީސް މިއަދު ވަނީ މިހާތަނަށް ވަގުތީ ގޮތުން ރަސްފަންނު ބޭނުންކުރެވޭ ހާލަތަށް ގެނައުމަށް ކޮއްފައިވާ މަސައްކަތްތައް ބައްލަވާލައްވައި އެ މަސައްކަތާބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދަވާފައެވެ.
އަދި މިއަދުން ފެށިގެން ވަގުތީގޮތުން ރަސްފަންނު ޢާންމުންނަށް ހުޅުވާލާއިރު، ރަސްފަންނުގެ މޫދުން ކިސަޑު ނަގައި ގޮނޑުދޮށުން ގިރައިގެންގޮސްފައިވާ ސަރަޙައްދަށް މިހާރު ވަނީ އަލުން ދޮންވެލިލައި އެއްވަރުކޮށްފައެވެ.
މީގެ އިތުރުން ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ ރަނގަޅުކޮށްފައެވެ.
ރަސްފަންނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް އިތުރަށް ކުރަންހުރި މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، ރަސްފަންނަކީ ކުރިއަށްވުރެ ފުރިހަމަ ތަނަކަށް ހެއްދެވުމަށް ކަމާގުޅޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވިއެވެ.
އެގޮތުން މި ރަމަޟާން މަސް ނިމުމާއެކު ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ފާހާނާ ބަރިއެއް ގާއިމުކުރުމާއެކު މަސްބޭނުމަށް މިހާރުވެސް ބޭނުންކުރަމުންދާ ޕްލެޓްފޯމްގެ އާބާތުރަފިލުވައި އަލުން ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ރަސްފަންނާއި ސަލްޓަންޕާކަށް ދާއިމީ ހައްލުތަކެއް ގެނައުމަށް އަލުން ތަރައްގީ ކުރުމުގެ ޕްލޭންތަކެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

