ތައުލީމާއި، ސިއްހަތާއި، އިޖްތިމާއީ އަދި މި ނޫން ހިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިގްތިސާދީ މަސައްކަތްތަކާއި އަދި މުޖްތަމައުއެއްގެ ދިރުމާއި ކުރިއެރުމާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރި އަރާނީ، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކުގައި ކަމަށާއި، އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ގައުމެއް، ވަތަނެއް، ދެމި ނޯންނާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހާއްސަ ހިތާބުގައެވެ.
ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖްމަތައުގައި އަންހެން ދަރީންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއިއެކު އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުން ކަމުގައި ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.
ދިވެހި ތާރީހުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ގައުމީ އަދި އިޖްތިމާއީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން އެބަހުރިކަން ފާހަގަކުރައްވައި، ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް، ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
އަދި އަންހެނުންނީ ދިވެހި އާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުންތަކެއް ކަމަށާއި، ދިވެހި އުންމަތުގެ ތަރައްގީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ގައުމު އަބަދުވެސް ފަހުރުވެރިވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތާއި، ތައުލީމީ ދާއިރާ ފަދަ، މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ހިދުމަތްތެރީންކަމަށާއި، ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަން ފާހަގަކުރައްވާފައިވެއެވެ.
”އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން“ ކަމަށް ބުއްދިވެރި ބަހެއްގައި ބުނާކަން ފާހަގަކުރައްވަމުން، ސާނަވީއާއި މަތީ ސާނަވީ އަދި ޔުނިވަރސިޓީ ތައުލީމުގެ މަރުހަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދާ ގިނަ ދަރިވަރުންނަކީވެސް އަންހެން ދަރީންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެ މަނިކުފާނު ވަނީ މިއީ ދިވެހި ގައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވާ ހިނދު، އަންހެނުންގެ ހައްގުތައް އެންމެ ހެޔޮ ގޮތުގައި ކަނޑައަޅައިދީ، މުޖްމަތަމައުގައި އަންހެނުންގެ ގަދަރާއި އިއްޒަތާއި މަގާމް މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން ކަމުގައި، ރައީސް ވިދާޅުވިއެވެ.
އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީވެސް، ދެވަނަ މީހަކީވެސް، އަދި ތިންވަނަ މީހަކީވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ މުހައްމަދު صلى الله عليه وسلم ކަމާއި، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަސިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުން ކަމުގައި ރައީސްގެ ހިތާބުގައި ހަނދާންކޮށްދެއްވިއެވެ.
އަދި މުއުމިނުތަކުންގެ މައިކަމަނާއިން ކަމުގައިވި، ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ބައެއް ހިދުމަތްފުޅުތައްވެސް، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

