ރާއްޖޭގެ 32 ރަށެއްގައި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ގާއިމު ކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން މިކަން އިއުލާންކުރަމުން ބުނެފައިވަނީ، މި މަޝްރޫއުތަކަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އިބްރާހިމް ތޯރިގް ސޮއިކުރެއްވިއިރު، ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލެވެ.

މި މަޝްރޫއުގެ ދަށުން ކުނި މެނޭޖްކުރުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރެވި، ރަށްރަށުގައި އުފެދޭ ކުނި ރަނގަޅު ގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމްކުރެވިގެންދާނެއެވެ.

ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވާއިރު، މި މަޝްރޫއުތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫއުތައް ކުރިއަށްދާ ގޮތުގެ އިތުރު ތަފްސީލު އަދި ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.