މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައެއް ސަރުކާރުގެ އޮފީސްތައް ބަންދުވާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖެއްސެވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
މިގޮތުން އެންމެ ފުރަތަމަ ރަމަޟާންމަހެއްގައި ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވީ މިދިޔަ އަހަރުގެ ރަމަޟާންމަހުއެވެ.
ރަމަޟާންމަހުގެ ފަހުދިހައެއް ބަންދުކުރިނަމަވެސް، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސް އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވާފައެވެ.

