މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެމްބަރުކަމުންނާއި، މާލެ ސިޓީ ޑެޕިއުޓީ މޭޔަރު ކަމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާގެ ސިޓީގައި ނަރީޝް ވިދާޅުވީ މޭޔަރު ކަމުން އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމާ ގުޅިގެން ކަމަށެވެ.
ނަރީޝް ވިދާޅުވީ ކައުންސިލްގައި ހޭދަކުރި މުއްދަތުގައި އެކި ދާއިރާތަކުން ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުންނާއި، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްގެ އަރިހުން ވަރަށް ގިނަ ކަންތައްތައް ދަސްވި ކަމަށާއި، އެކަންކަމަށް ޝުކުރުވެރިވާ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރެއްވި މުއްދަތުގައި ކައުންސިލުގެ ފަރާތުން ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައަކަށްވާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.
ނަރީޝް މާލެގެ ޑެޕިއުޓީ މޭޔަރ ކަމަށް ހޮވިވަޑައިގެންފައި ވަނީ 2021 ވަނަ އަހަރުއެވެ.

