ރަމަޟާން މަހުގެ ހާއްސަ މުނާސަބަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ”އަވައްޓެރި ރޯދަ ވީއްލުން“ ގެ ނަމުގައި ޚާއްޞަ ރޯދަ ވީއްލުންތަކެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

މިއީ އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހާއްސަ ހަރަކާތެކެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް އާލާކޮށް ދިރުވުމެވެ.

އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް ހަސަން ޝަހީދު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް މިފަދަ އިޖުތިމާއީ ހަރަކާތްތަކުގައި އެއްބާރުލުން ދިނުމަށް ކުރިމަތިލާ ބައެކެވެ.

”މިފަހަރުވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާއެކު،“ ހަސަން ޝަހީދު ވިދާޅުވިއެވެ.

 

ފުރަތަމަ ރޯދަ ވީއްލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު، ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ ރަނައުރާ މަގުގައެވެ.

އަދި ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެހެނިހެން ސަރަހައްދުތަކުގައިވެސް މިފަދަ ރޯދަ ވީއްލުންތައް ކުރިއަށް ގެންދެވޭނެއެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. މިކަމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.