ފިތުރު އީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައި، ރައީސް އޮފީހުން މިއަދު ޝާއިއު ކުރެއްވި ދެންނެވުމުގައި އެކަން އިއުލާނު ކުރައްވައިފިއެވެ.

އެގޮތުން، 1446ވަނަ އަހަރުގެ ޝައްވާލް މަހުގެ އެއްވަނަ ދުވަހަކީ، މިހާރު ކަލަންޑަރުގައިވާ ގޮތުގެމަތީން، މި މާރިޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައި އިއުލާނު ކުރައްވައިފިނަމަ، ފިތުރު އީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާރިޗު 31، އެޕްރީލް 1، އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

އަދި، މާރިޗު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ، ޝައްވާލު މަހުގެ 1ވަނަ ދުވަސް ކަމަށް އެ މިނިސްޓްރީއިން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިތުރު އީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާރިޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އޭޕްރީލް ދޭއް ވާ ބުދަ ދުވަހާއި، އެޕްރީލް ތިނެއް ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ހަމަޖެއްސެވީ، ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަގްސަދުގައެވެ.

ރައީސްގެ މި ނިންމެވުމާއެކު، ފިތުރު އީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އެޕްރީލް މަހުގެ 6 ވާ އާދީއްތަ ދުވަހުއެވެ.