އިދިކޮޅު މައި ޕާޓީ އެމްޑީޕީން ދިވެހީންނަށް ސިޔާސީ ހަރަކާތް ހިންގަން ދަސްކޮށް ދިނީ މީހުންގެ އަބުރާއި އާއިލާތަކުގެ ހައްގު ނަގާލައިގެން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން އެ ޕާޓީގެ މުޒަހަރާއެއްގައި ފެތުރި ދޮގުވާހަކަތައް އެމްޑީޕީން ދިފާއު ކުރީ ފިތުނަ އުފެއްދުމަށް ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންްމަ މަރްޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ޕީއެންސީ އާންމު ކުރި ބަޔާނެއްގައި ބުނީ، ބައެއް މީޑިއާތަކުން ލައިވްކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދިޔަ އެމްޑީޕީގެ ސިޔާސީ ހަރަކާތެއްގެ ތެރެއިން ރައީސް މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަ ކުށްވެރި ކުރާކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭގެވަގުތެއްގައި މާލޭގައި ބޭއްވި އެމްޑީޕީގެ އެއްވުމެއްގައި މަންދީ ވަނީ ޒުވާނުން ބިޑި އޮޅަން ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޯން ފެށުމުން ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފަތުރައިފައެވެ. އޭނާގެ މި ވާހަކަތަކަށް ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވިއެވެ.

ޕީއެންސީން ބުނީ، އެ ވާހަކަ ދެއްކި ހަރާކަތުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި ގުޅުވައި އެއްވެސް އަސާސެއް ނެތް ވާހަކަ ދައްކައި ތަކުރާރުކޮށް ގަނާކޮށްފައިވުމަކީ ކަންބޮޑުވުމެއްކަމަށެވެ.

އެ އަމަލު ކުށްވެރިކޮށް އެޗްއާރުސީއެމް އާއި އީސީން ބަޔާނެއް އާންމު ކުރުމުން އެކަމަށް ރައްދު ދީ މަންދީ ދެއްކި ވާހަކަ އެމްޑީޕީން ދިފާއު ކުރީ ފިތުނަ އުފެއްދުމުގެ ބޭނުމުގައިކަމަށް ޕީއެންސީން ބުންޏެވެ.

އެ ބަޔާނުގައި ބުނީ ރައީސް މުއިއްޒު ވޭޕް މަނާ ކުރެއްވީ ދަރިކަލުންނަށް ދިން އަދަބެއްގެ ގޮތުންކަމަށް ބުނެ ސިޔާސީ ގޮތުން އާއިލާތަކާއި ޖައްސާލައި، ރައްޔިތުންނަށް އޮޅުވާލަން ހިންގި އަމަލު ބަލައިނުގަނެވޭކަމަށެވެ.

ޕީއެންސީން ވަނީ އެމްޑީޕީގެ ލީޑާޝިޕް ހިމެނޭ ގޮތަށް، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް މަންދީގެ ވާހަކަ ދިފާއު ކުރިކަމަށް ބުނެފައެވެ.

މީގެއިތުރުން ޕީއެންސީން ބުނީ، އެމްޑީޕީން މި މުޑުދާރު އަމަލު ހިންގާފައި ވަނީ އެ ޕާޓީ ހިމެނޭހެން މިފަދަ ކަންކަން ހުއްޓުވުމަށް ބާރުއަޅައި ”ކްރޮސް ޕާޓީ ސްޓޭޓްމަންޓް ފޯރ އެންޝުއަރިންގ ސޭފްޓީ އެންޑް އީކުއަލް އޮޕޮރޗުނިޓީސް ފޯރ ވިމެން އިން ޕޮލިޓިކްސް“ ގެ ނަމުގައި ފަހުމުނާމާ އެއްގައި ސިޔާސީ ޕާޓީތަކުން ސޮއެކޮށް އަތުގުޅާލިތާ ހަފްތާއެއްވެސް ނުވަނީސް ކަމަށެވެ.

މިއީ ނުހަނު ލަދުވެތިކަމާއި އެކު އެ ޕާޓީން ވިސްނަން ޖެހޭކަމެއްގެ ގޮތުގައި ބަޔާނުގައި ވެއެވެ.

ޕީއެންސީން ބުނީ ފަސްޓްލޭޑީއާއި ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައި ވަނީ އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ނާތަހުޒީބު ވާހަކަތަކެއް ކަމަށެވެ.

އަދި މިއީ އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތެއްކަމަށް މިނިވަން ދިމަގްރާތީ އެއްވެސް މުޖްތަމައުއެއްގައި ބަލައިގަނެވޭނެކަމަށް ނޫންކަން ވެސް ފާހަގަކުރިއެވެ.

މީގެއިތުރުން ޕީއެންސީން ބުނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފް ކުރެވުނު ދުވަސްވަރު ވެސް އެމްޑީޕީން ދިވެހީންނަށް ސިޔާސީ ހަރަކާތް ހިންގަން ދަސްކޮށްދިނީ މިފަދަ ހުތުރު ޢަމަލުތަކުގެ ތެރެއިން ކަމަށެވެ.

އެކަމަކު ދިވެހި ރައްޔިތުން މިއަދު އެފަދަ ނާތަހުޒީބު އަމަލުތަކާއި ދުރުވެ ސިޔާސީ ހަރަކާތްތަކަށް އަހުލުވެރިވެފައިވާކަމަށް ބަޔާނުގައި ވެއެވެ. އެމްޑީޕީން އަދިވެސް ކުރީގެ ގޮތްތައް ދޫނުކޮށް، ޕާޓީގެ އުފެދުމުގައިވެސް ގެންގުޅުނު މިފަދަ ބޯދާ މިންގަނޑުތައް އަލުން ދިރުވަން މަސައްކަތް ކުރުން ޕީއެންސީ ސިފަ ކުރީ ފިނޑި ސިޔާސަތެއްގެ ގޮތުގައެވެ.

އެ ޕާޓީން ބުނީ، ސިޔާސީ ހަރަކާތްތައް ހިންގުމާއި އިހުތިޖާޖު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ.

އަދި އެއްވެސް ކުށެއް ނެތި އެއްވެސް މީހެއްގެ ހައްގަށް އަރައިގަނެ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ދައްކައި، ރައްޔިތުންނަށް އޮޅުވައިލުން ބަލައިނުގަނެވޭކަމަށް ވެސް ބުންޏެވެ.