ޒާތީވުމަކީ މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާއީ ފޭރާން ފަސާދަކުރާނެ ކަމެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 16 އަހަރުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް އެމްޑީޕީގެ އެއްވުމެއްގައި ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭކްކުރާތީކަމަށް ބުނެ، އެމަނިކުފާނުގެ ދަރިކަލުން ވޭޕް ކުރާ ކަމަށް ތުހުމަތުކޮށްފައިވަނިކޮށެވެ.

ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ހަރަކާތްތަކަށް ކަމަށެވެ.

”އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަށެވެ. މިއީ ދުޅަހެޔޮ، ކުރިއަރާފައިވާ ގައުމެއް ބިނާކުރުމުގެ އަސާސެވެ.“ ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ދަރިކަލުންނަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި ތިން ފަރާތަކަށް ދައުވާކުރުމަށް އާއިލާއިން ނިންމަވައިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން މަދަނީ މައްސަލައެއްގެ ގޮތުގައި ދައުވާ ކުރުމަށް ނިންމަވާފައިވަނީ އުމެއިރާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރި މަރިޔަމް ޒުބައިރާއި، ފައްޔާޒު އިސްމާއީލް އިތުރުން އެމްޑީޕީއަށެވެ.

މި ހަފްތާގެ ތެރޭގައި މި މައްސަލަ ކޯޓަށް ހުށައަޅާނެކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.