ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އެ ގައުމުގެ ރަސްގެފާނަށް ފަތްކޮޅު އަރުވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ބޭންކޮކްގައި ހުންނަ ޝާހީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުއާދު، ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ފުއާދުވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހީންގެ ފަރާތުން ތައިލެންޑުގެ ރަސްގެފާނަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ.
މީގެ އިތުރުން ރާއްޖެއާއި ތައިލެންޑުގެ ޒަމާންވީ ގުޅުން ފާހަގަކުރައްވައި، މިހާރަށް ވުރެ ވެސް އިތުރަށް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން އޭނާ ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ތައިލެންޑަށް އައްޔަންކުރެއްވި ސަފީރުންގެ ތެރެއިން ރަސްގެފާނަށް ފަތްކޮޅު އެރުއްވި ފުރަތަމަ ސަފީރަކީ، 2020ގައި އެ މަގާމަށް އައްޔަންކުރި މުހައްމަދު ޖިނާހެވެ.
ފުއާދު ވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީއާއި ސާކްގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

