އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހީ ”އެތެރެއިން ރާވައިގެން“ ކަމަށް ބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މަންދީގެ ގަޔަށް ރޭ ވަނީ ބަޔަކު ކަޅުތެޔޮ ޖަހައިފައެވެ. އޭނާ ތުހުމަތު ކުރަނީ، އެއީ ސަރުކާރަށް ތާއީދު ކުރާ ބަޔަކު ކުރި ކަމެއް ކަމަށެވެ.

މިކަމާ ގުޅޭ ވީޑިއޯއެއް އެކްސްގައި ހިއްސާކޮށް، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ)  ވަނީ އިސްލާހީ ހަރަކާތާއެކު މި ގާނޫނު އަސާސީ ހޯދި ދުވަސްވަރުގެ ހާލަތަށް މިރާއްޖެ ވައްޓާލަނީ ކޮންބައެއް ދެކެ ބިރުން ފަހަތަށްޖެހޭނެ ކަމަށްތޯ ސުވާލު އުފައްދާފައެވެ.

އޭނާ އަށް އެކްސްގައި ޖަވާބު ދެއްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ދިވެހި ރައްޔިތަކަށް ކަށަވަރު ކޮއްދީފައިވާ އެއްވެސް ހައްގެއް، ކުޑަކޮށްވެސް ރައީސް މުއިއްޒުގެ  ސަރުކާރުން ނުހިފަހައްޓާނެ ކަމަށެވެ.

”ހިޔާލު ފާޅުކުރުމާ އެއްވެ އުޅުމުގެ ހައްގު މި ސަރުކާރުން އޮތީ ތަންމިނަށް ހުޅުވާލަދީފަކަން ހުދު އަހު ޝިއްޕެއައް އެނގިގިލައްވާނެ ދިވެހި އެއްވެސް ރައްޔިތަކައް މިބާވަތުގެ އެއްވެސް އަމަލެއް ކުރުމަކައް ޕީއެންސީން ތާއިދު ނުކުރާނެ. “ އޭނާ ވިދާޅުވިއެވެ.

އެމްޕީ މުހައްމަދު އިސްމާއީލް ވަނީ ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް، މި މައްސަލަ ބެލުމަށް ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކަށް ގޮވައިލައްވައިފައެވެ.

އަދި އެ ފަރާތްތައް ހޯދައި، އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

”ލަފާ ކުރެވެނީ އެތެރެއިން ރާވައިގެން ކުރިޔަށް ގެންދެވުނު ކަމެއް ކަމަށް. މިހެން މިދަންނަވަން ޖެހުނީ ޕީއެންސީގެ މެންބަރުން ތިފަދަ ކަންކަމާ އިންތިހާޔަށް ދެކޮޅުވާނެ، އަދި ރައީސް މުއިއްޒުގެ މި ސަރުކާރުގަ ތިއްބަވާނީ ރައީސް މުއިއްޒު ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަން ރަނގަޅަށް ދަންނަ އެކަންކަން ސާފުކޮށް އެގިލައްވާ ބޭފުޅުން.“ މުހައްމަދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންދެކެ އިންތިހާއަށް ލޯބިފުޅުވާ، އޯގާތެރި ވެރިއެއް ކަމަށެވެ.