ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި ”ރައީސްގެ ޖަވާބު“ ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފުރުސަތު އާއްމުކޮށް ހުޅުވައިލައްވައިފިއެވެ.

ވީޑިއޯ މެދުވެރިކޮށް ރައީސް މުއިއްޒު ސުވާލުކުރައްވަން ބޭނުންފުޅުވާ ރައްޔިތުން، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ރައްޔިތުންގެ އަޑު“ ޕޯޓަލް މެދުވެރިކޮށެވެ.

މި ޕޯޓަލް،https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށްވެސް ކޮންމެ ރައްޔިތަކަށްވެސް ބޭނުން ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

”ރައްޔިތުންގެ އަޑު“ ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވަމުން ގެންދަވާ ސުވާލުތަކަށް ރައީސް މުއިއްޒު ޖަވާބު ދެއްވަމުން ގެންދަވާނީ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިންނެވެ.

”ރައީސްގެ ޖަވާބު“ ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު ޢާއްމު ކުރައްވަމުން ގެންދަވާގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީމަހު ފެށްޓެވި ސިލްސިލާއެކެވެ.

މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނެވެ.

ނަމަވެސް، މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސްއާއި ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުސަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން ”ރައީސްގެ ޖަވާބު“ ސިލްސިލާ ވަނީ ވަގުތީގޮތުން މެދުކަނޑައިލައްވައިފައެވެ.

”ރައީސްގެ ޖަވާބު“ ސިލްސިލާ އަލުން މި ފެށްޓެވީ، ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަން ބޭނުންފުޅުވާ ކޮންމެ ސުވާލެއްވެސް، ”ރައްޔިތުންގެ އަޑު“ ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅުއްވޭނެ އިންތިޒާމުތަކާއި އެކުއެވެ.