ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 19 މާރިޗު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ޓޫރިޒަމާ ބެހޭ ގާނޫނުގައި ބަޔާންކުރާ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާގުޅޭ އުސޫލާއި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާގުޅޭ އުސޫލު އިސްލާހުކުރުމަށް ޓަކައި، އަދި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރުމާބެހޭ އުސޫލުތަކާއި، ޓޫރިޒަމް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި އިސްލާހުގައި، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ބިން ކަނޑައަޅާނީ، އެ ރަށެއް ނުވަތަ، ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސް ވަނީ ބަޔާންކޮށްފައެވެ.

މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތަކުގައި ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާ ސަރަޙައްދުތަކުގައި ތަރައްގީ ކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާތަކެވެ.

އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްގީ ކުރުމަށް، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ރަށް ނުވަތަ ބިން ނުވަތަ ފަޅު، ދޫކުރެވިދާނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް ފީ އެއް ނެގުމަށްފަހު އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެކަމަށް، މި އިސްލާޙުގެ ދަށުން ކަނޑައަޅާފައިވެއެވެ.

މުއްދަތު އިތުރުކުރެވޭނީ ގިނަ ވެގެން 49 އަހަރުދުވަހުގެ މުއްދަތަށެވެ.

ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމުގައި އަދި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ރީ-ޑިވެލޮޕްމަންޓުގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ޚިދުމަތް ދޭން ފައްޓައިފައި ނުވާނަމަ އަމަލުކުރާނީ، މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީންކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި، އެތަނެއްގެ އެކި ދާއިރާތަކުގެ ސޭފްޓީ އަދި އޮޕަރޭޓިންގް ސްޓޭންޑަރޑްސް ކަނޑައަޅާ ކޮމްޕަލަޔަންސް ކޯޑެއް އެކުލަވައިލަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.