ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާކޮށްފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހެޅުއްވީ، ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ހިންގަވާ ލޯ ފާމް ”ރެހެންދި ޗެމްބާސް“ އިންނެވެ.

އެކަމާ ގުޅިގެން އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އުމައިރަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވައި، އުމެއިރުގެ ކިޔެވުމަށާއި މުސްތުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

މަންދީގެ މައްޗަށް ދައުވާކުރީ އޭނާގެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލައިފައިވާތީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅަައިގެންފައިވާތީ ކަމަށް އާޒިމާގެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ”ކުއްލި އެއްވުން“ ނަމުގައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ވަނީ، ރާއްޖޭގައި ވޭޕް މަނާކުރީ، ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރާތީ ކަމަށް ބުނެފައެވެ.

ނަމަވެސް އެކަން ފަސްޓް ލޭޑީ ސާޖިދާ ވަނީ ދޮގުކުރައްވައިފައެވެ.

ސިޔާސީ ބޭނުމަށް މަންދީ ކުޑަކުއްޖެއްގެ ވާހަކަ ދެއްކުމުން، ގިނަ ބަޔަކު ދަނީ އެކަން ކުށްވެރި ކުރަމުންނެވެ.