ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސ. ހިތަދޫ، ބާޒީގެ ހުސައިން ޝަހީދު އައްޔަނު ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުއެވެ.

އަދި، މަގާމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ  ޝަހީދާ ހަވާލުކުރައްވާފައެވެ.

ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

ހަމައެއާއެކު ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ހާސިލުކުރައްވާފައެވެ.