ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްލާހު ކުރައްވައިފިއެވެ.

މި އިސްލާހުތައް ހާމަކުރައްވައި، އެމަނިކުފާނު މިއަދު އާންމު ކުރެއްވި ގަރާރުގައި ވަނީ، މި އިސްލާހު ގެންނަވާފައިވަނީ، ގާނޫނު ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތްގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެމަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.

މި ގަރާރުގެ ޖަދުވަލުގައި، މަތީގައި ބަޔާންވެދިޔަ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫއުތަކާއި، އެ މަޝްރޫއުތައް ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު އަދި މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަންޖެހޭނޭ މިންވަރު ވަނީ ބަޔާންކުރައްވާފައެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި، ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްގީ ކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްގީ ކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަރނޭޝަލަން އެއަރޕޯޓެއް ތަރައްގީ ކުރުން ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން، ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ”އުއްމީދު / ހޯޕް އައިލެންޑް“ މަޝްރޫއުއަށް ބޭނުންވާ 15 (ފަނަރަ) ހެކްޓަރުގެ ބިން، ކ. ގިރާވަރު އުތުރުފަޅުން ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްގީ ކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ.

ހަމަ އެ ފަޅުން، ”ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް“ މަޝްރޫއުއަށް ބޭނުންވާ 30 (ތިރީސް) ހެކްޓަރުގެ ބިން ހިއްކައި، ”ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް“ ތަރައްގީ ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތައްވެސް މި ސިޔާސަތުގެ ދަށުން ހިންގުމަށް ނިންމަވާފައިވެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި، މުޅި ދިވެހިރާއްޖޭގައި ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށާއި، ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުން ބިންހިއްކުމަށް ވަނީ ނިންމަވާފައެވެ.

އަދި މުޅި ރާއްޖޭގައި، ބިންހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި، ޔުޓިލިޓީ ހިދުމަތްތައް ގާއިމު ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ކޮޅުމަޑުލު ވޭމަންޑޫ އާއި ކޮޅުމަޑުލު ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ކޮޅުމަޑުލު ދިޔަމިގިއްޔާއި ކޮޅުމަޑުލު މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ހައްދުންމަތީ ހިތަދޫ އާއި ހައްދުންމަތީ ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ހައްދުންމަތީ ކަލައިދޫ އާއި ހައްދުންމަތީ ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، މުލަކަތޮޅު މުއްޔާއި މުލަކަތޮޅު ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށް މަޝްރޫއުތައް ހިންގުމަށް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން ހައިޕަރފޯމަންސް ސެންޓަރެއް ގާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.