ކުރިއަށް އޮތް ބަރަކާތްތެރި ފިތުރު އީދަށް ރާއްޖޭގެ 65 ރަށެއް ދިއްލައިލުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބެލުމުގެ ދަށުން، ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.

މި މަސައްކަތާ ގުޅޭގޮތުން ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އީދު ލައިޓްތައް ދިއްލައިލެވޭނެ ކަމަށެވެ.

އަދި މި އަހަރު މާލޭގައި ހާއްސަ ހަރަކާތްތަކެއް ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްތައް އީދަށް ދިއްލައިލުމުގެ މަޝްރޫއުއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު އިސްނަންގަވައިގެން ފެއްޓެވި މަޝްރޫޢެކެވެ.

މި އަހަރުގެ “އީދު އަލި” ދިއްލުމުގެ މައި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.