މުޅި ރާއްޖެއަށް ސާފު ފެން ލިބުން ކަށަވަރުކުރުމަށް އިސްކަންދިނުމާއެކު ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުމަށް މާނަ ހުރިގޮތެއްގައި ފިޔަވަޅުތަކެއް އެޅުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ހިއްސާކުރެއްވި ޕޯސްޓްގައިވަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނާއި އަދި ބައިނަލްއަޤްވާމީ ފަރާތްތަކަށްވެސް ފޮނުވާފައެވެ.
މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ ”ގްލޭސިއާ ޕްރިވެންޝަން“ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މިޝިއާރަކީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.

