މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތި) ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސާންތި ނިޔާވުމާ ގުޅިގެން ހިތާމަފާޅު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވީ ސާންތި ވަނީ ކުޅިވަރުގެ ރޮނގުން، ވަކީން ހާއްސަކޮށް ފުޓްބޯޅައިގައި ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައި ކަމަށެވެ.

‏”ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް އަދި މަރުހޫމްގެ ލޮބުވެތި އާއިލާއަށް ތައުޒިޔާ ދަންނަވަން،” ރައީސް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، ސާންތި ނިޔާވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

އޭނާގެ ހާލު ގޯސްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާތާ ދެތިން ދުވަސް ވެއްޖެއެވެ.

ސާންތި ވަނީ ގައުމީ ފުޓްބޯޅަ ޓީމާއި ބައެއް ކުލަބުތަކަށް ވަރަށް ބޮޑަށް ހިދުމަތް ކުރެއްވިއެވެ.