މާފުށީ ޖަލުގައި ހުކުމްތަ ތަންފީޒު ކުރަމުން ދިޔަ ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހީމް ޝަމްވީލް (23 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

އަދި 4:55 ގައި އިބްރާހިމް ޝަމްވީލް ނިޔާވެފައިވާކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައެވެ.

މީނާއަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ.

ޝަމްވީލް ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.