މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިޔުގައި ތިބި އެންމެހާ ފަރާތްތަކަށް ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ، މިރޭ އެކްސް/ފޭސްބުކުގައި އާއްމު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ 2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިޔުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށެވެ.

އަދި މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

 

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް އެމަނިކުފާނު ނިންމެވީ މިދިޔަ ޖެނުއަރީމަހުގެ ފަސް ވަނަ ދުވަހުއެވެ.

މި ނިންމެވުމާ އެއްގޮތަށް ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު އިސްލާހުކޮށް އާންމުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ހައްޖު ކޯޕަރޭޝަނުން މީގެ ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު އެ ކޯޕަރޭޝަން މެދުވެރިކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9115 މީހުން އެބަތިއްބެވެ.

މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ހައްޖަށް ދިޔުމަށް އެދިފައިވަނީ 8623 މީހުންނެވެ.