މާލެ ސަރަހައްދުގައި ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ގޮތަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ މިފަހަރުގެ އީދުގައި މައިދާންތަކުގައި އީދު ނަމާދުކުރަނީ މާފަންނު ސްޓޭޑިއަމްއާއި ވިލިމާލޭގެ ބޯޅަ ދަނޑާއި ހުޅުމާލޭގެ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލޭގައި ހުންނަ ކްރިކެޓް ސްޓޭޑިއަމްގައި ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.
މައިދާންތަކާއި މިސްކިތްތައް ހިމެނޭ ގޮތަށް މާލޭގެ 27 ތަނެއްގައި އީދު ނަމާދުކުރާނެއެވެ.
އެގޮތުން އީދު ނަމާދު ކުރާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް, ފުރުގާން މިސްކިތް, ނޫރު މިސްކިތުގެ އިތުރުން ފަނޑިޔާރު މިސްކިތާއި ސަލާހުއްދީން މިސްކިތް ހިމެނެއެވެ.

