ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަށް އަހަރު ފަހުން ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު އެ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ހަމަޖައްސާފައިވަނީ އަހްމަދު މައުސޫމް ކަމަށެވެ.
އޭނާއަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.
މީގެ ކުރިން މައުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވައިފައެވެ.
މީގެ އިތުރުން އެ ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމާއި ޑިރެކްޓަރު ކަމުގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ހެލްތުން ބުންޏެވެ.
ތެލަސީމިއާ ސެންޓަރުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ އެތަނުން ފަރުވާ ހޯދާ މީހުންނާއި މީހުންގެ އާއިލާތަކުން މުޒާހަރާ ކޮށްފައެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ސެންޓަރަށް ވަޑައިގެން ވަނީ ތަނުގެ ހާލަތު ބައްލަވައިލައްވައިފައެވެ.
އެއަށް ފަހު ރައީސް ވިދާޅުވީ އެ ސެންޓަރުގައި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓާ ޖެނެރަލެއް ނެތް ކަމަށެވެ.
އަދި ރައީސް ވަނީ މިހާރުން މިހާރަށް އެތަނުގެ ހިދުމަތް ރަނގަޅު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

