ށ.މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
އެ ރަށުގައި އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ގާއިމުކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފޭ ކަމަށެވެ.
އެހެންކަމުން މަރުކަޒުތަކުން ދެވޭ ހިދުމަތްތައް ފުރިހަމަކުރުމަށް މިހާރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ގދ. ތިނަދޫއާއި ރ. އުނގޫފާރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މި އަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ގާއިމުކުރަން ފެށޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ ކޮންޓްރެކްޓްގައި ދީފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، މިހާރުވެސް 400 އެއްހާ ޕްރޮޖެކްޓުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުން ކަމަށެވެ.
އެހެންނަމަވެސް މަރުކަޒުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށްގެން މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

