ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަޖޫ ޖަހައިފިއެވެ.

ރާއްޖެ ޓީވީގެ ”ކާލާ ބައިސާ“ ޕްރޮގްރާމުގައި ޕާޕާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިޔަކަށް އިންޒާރު ދެއްވި ކަމަށް ތުހުމަތުކޮށް އެއީ ގޮތް ހުސްވުމުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވެފައެވެ.

”ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން.“ އޭނާ ވިދާޅުވިއެވެ.

އެވާހަކައަށް ބާރު ދެމުން މޮސްޓާ ވިދާޅުވީ، ”އޮޓިސްޓިކް އެކަންޏެއް ނޫން، ޑައުންސިންޑްރޯމް ވެސް ހުންނަހެން ހީވަނީ“ މިހެންނެވެ.

މި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެ ޕްރޮގްރާމްގެ ވީޑިއޯއެއް މީސްމީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.

”މީ ވަރަށް ދެރަވަރު، ދެރަ ފެންވަރުގެ ކަމެއް. އޯޓިޒަމްއާއި ޑައުންސިންޑްރޯމް ހުންނަ މީހުންނަށް މިގޮތަށް މަލާމާތްކޮށް ފުރައްސާރަ ކުރެވިގެން ނުވާނެ. އަދި އަމުދުން ޒިންމާދާރު މަގާމުތަކުގައި އުޅެފައި ތިބި މީހުންގެ ފަރާތުން މިފަދަ އަމަލުތައް އެއްވެސް ވަރަކަށް ބަލައެއް ނުގަނެވޭ.“ މީހަކު އޭނާގެ ޝުއޫރުފާޅުކުރަމުން މީސްމީޑިއާގައި ލިޔެފައިވެއެވެ.

”ސިޔާސީ ވިޔަސް، ވަކި އިމެއް އޮންނާން ޖެހޭނެ. މީހުންނަށް މަލާމާތާ ފުރައްސާރަކޮށްގެންބާ ފާޑު ކިޔެނީ؟ ބަޔަކާ ޒާތީ ނުވެ އެވަރު ކަމެއް ވެސް ނުކުރެވެނީބާ؟“ އިތުރު މީހަކު ލިޔުނެވެ.

މި ނޫން ވެސް ގިނަ ބަޔަކު ދަނީ މޮސްޓާއާއި ޕާޕާ ދެއްކި ވާހަކަތައް ކުށްވެރިކޮށް، ނުރުހުންފާޅު ކުރަމުންނެވެ.