ކުރިއަށް އޮތް ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަ މާލޭގައި ބޮޑު ހަވީރެއް ބާއްވަން ނިންމައިފިއެވެ.

“އީދު ހަވީރު 1446” ގެ ނަމުގައި އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސިފައިންނާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެންނެވެ.

އެމްއެންޑީއެފުން ބުނީ އެ ހަރަކާތުގެ ބޭނުމަކީ ފިތުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުން ކަމަށެވެ.

އީދު ދުވަހުގެ ހަވީރު 4:00 -6:00 އަށް ބާއްވަން ހަމަޖެހިފައި ހަރަކާތްތައް ކުރިއަށް ދާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގައެވެ.

އެ ސަރަހައްދަށް އީދު ހަވީރަށް ޒިޔާރަތްކުރާ ހުރިހާ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާއި އީދު އުފަލުގައި ބާއްވާ އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ހަރަކާތުގެ އީދު ހަދިޔާ ދިނުން ވެސް ކުރިއަށް ދާނެއެވެ.