ސައުދީއަރަބިއާގެ ސަރުކާރުން، މިއަހަރުގެ ރަމަޟާން މަހަށް ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ބެހުމަށް ހަމަޖެހިފައިވާ ގޮތް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ލިބޭނެ ކަމަށެވެ.

އަދި ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލަކުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހުގައި، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ކަދުރު ޕެކެޓުކަން މިނިސްޓްރީގެ އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލެ ސިޓީ އާއި، އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީއާއި، ކުޅުދުއްފުށި ސިޓީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށް ކަދުރު ބަހާނީ، ގޭބިސީތަކުގެ ތެރެއިން، ކަދުރު ބަލާ ހާޒިރުވާ ތަރުތީބުންނެވެ.

އަދި މާލެއާއި، ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް، އިސްލާމީ މަރުކަޒުގައެެވެ.

އަތޮޅުތެރެއަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުންނާއި، ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

ކަދުރާ ހަވާލުވުމަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:45އިން 14:00އަށް އިސްލާމިކް މިނިސްޓްރީއަށް ހާޒިރުވުމަށް އެމިނިސްޓްރީން އެދެއެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަަނަ ދުވަހުގެ 13:00އާ ހަމައަށެެވެ.

މިއަހަރުގެ ރޯދަ މަހަށް ސައުދީން ހަދިޔާ ކުރި ކަދުރު ލިބުން ލަސްވުމުން، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ.