ފުލުހުންގެ މުއައްސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި މާޗު މަހުގެ 24 އިން 27 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މި މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ދިމާކޮށް ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން، ފުލުހުންގެ ހިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އަދި މިއީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ދަނީ ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައެވެ.

