ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދުމަށް ތައްޔާރުކުރަމުންދާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

މި އިމާރާތަކީ ހުޅުމާލޭގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ހައްލު ހޯދައިދިނުމަށް ތައްޔާރުކުރަމުންދާ އިމާރާތެކެވެ.

މިއަދުގެ ޒިޔާރަތުގައި، ރައީސް މުއިއްޒު ވަނީ ކޯޓު އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބައެއް ބޭފުޅުންނާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރުގެ އަރިހުން އެ މަސައްކަތުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް އޮޅުންފިލުއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަމުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިއާއެކު ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

މިއަދުގެ ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.