ކީރިތި ޤުރުއާން ހިތުދަސްކޮށް 24 ހާފިޒުން ސަނަދު ހާސިލުކޮށްފިއެވެ.

މި ހާފިޒުންނަށް ހާފިޒުކަމުގެ ސަނަދު ދިނުމަށް ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ހާފިޒުންނަށް ސަނަދު އެރުއްވެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިއީ ހާފިޒުންގެ ދަސްވެނިވުމުގެ ގޮތުން އެކަމަށް ހާއްސަ ޖަލްސާއެއް ސަރުކާރުން ބޭއްވި ފުރަތަމަ ފަހަރެވެ.

ދަސްވެނިވުމުގެ ހަފްލާއަށް ހާއްސަކޮށް ތައްޔާރު ކުރި ގައުންގައި މާލޭގެ ހުކުރު މިސްކިތުގެ ޑިޒައިންތައް ހިމެނެއެވެ. އެ ގައުން ވަނީ ނުލާއި ރަންކުލައިން ފަރުމާ ކޮށްފައެވެ.

ރޭގެ ރަސްމިއްްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ގިނަ ހާފިޒުން އުފެއްދުން ކަމަށެވެ.