ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކޮންމެ އަހަރަކު ވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުން ފެއްޓެވި ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކޮންމެ އަހަރަކު ވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއުއަށް ދަންނަވާފައިވާނެ ކަމަށެވެ.
ރައީީސް ވިދާޅުވީ، މި އަހަރު އެކަޑެމިކް ކަލެންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މި އަހަރުގެ ރަމަޟާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށް ކަމުގައެވެ.
އެހެންނަމަވެސް, ފަހުން އެކި ކަންކަން ހަމަޖެއްސުމަށް ފަހު މުޅި ރަމަޟާން މަސް ބަންދުކުރައްވާގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް ރަނގަޅު ހިޔާލުތަކެއް ލިބިވަޑައިގެންނެވިކަމަށް ރައީީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭކަމެއް ކަމުގައި ފާހަގަކުރެއްވުނު ކަމަށް ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރަމަޟާން މަސް ސްކޫލުތައް އެއްކޮށް ބަންދުކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

