ފަގީރުންގެ ލިސްޓުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ފިތުރު ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ބޮލަކަށް ބަހަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރު ފިތުރު ޒަކާތް ބަހާނީ ފަގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއް ހަމައަކުން ކަމަށެވެ.
”މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބެނީ. މިހެން މިކަން ކުރީމަ ބައެއް ރަށް ރަށުގައި ފަގީރުންނަށް ލިބެނީ ވަރަށް މަދު އެއްޗެއް. މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން. “ އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ފިތުރު ޒަކާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު ކަމުގައެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

