ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމުގައި، ތައިލެންޑާއި އަދި އެ ސަރަހައްދުގެ އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ މީހުން ޒަހަމްވެފައިވާތީ، ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރަ އަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ، އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުން ލިބުނު މީހުންނަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައެވެ.

އަދި ގެއްލިފައިވާ މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުމަށާއި، ޒަހަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވަމުން އެމަނިކުފާނު ވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިޔަންމާއާއި ތައިލެންޑަށް އައި ބާރު ގަދަ ބިންހެލުމުގައި 150އަށްވުރެ ގިނަ މީހުން މަރުވިއެވެ. 7.7 މެގްނިޓިއުޑްގެ ބާރު މިނުގައި އައި މި ބިންހެލުމުގައި 700އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. އަދި ތައިލެންޑުން ވެސް 10 މީހުން މަރުވިއެވެ.