ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިވެހި ފުލުހުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

މި ހާއްސަ މުނާސަބަތުގައި ރައީސް ވަނީ ގައުމީ ހިދުމަތުގައި ފުލުހުން އަދާކުރާ އަގުހުރި ދައުރު ފާހަގަކުރައްވައި، އެ ބޭފުޅުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވާފައެވެ.

މީސްމީޑިއާގައި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ދިވެހި ފުލުހުން ރެޔާއި ދުވާލު ޒިންމާދާރުކަމާއެކު ކުރައްވާ މަސައްކަތްތަކަށް އިޙްތިރާމް ކުރައްވާ ކަމަށެވެ.

އަދި މި އުފާވެރި މުނާސަބަތުގައި ދިވެހި ފުލުހުންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ތަހުނިޔާ ރައްދުކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް އުފެދުނީ 1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.

މިއީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލެވި، އޭރުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި މި ހިދުމަތް ތަޢާރަފުކުރެވުނު ތާރީހެވެ.