މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅޭ ގޮތުން މީގެ ކުރިން ވިދާޅުވެފައިވާ ބަސްފުޅު ބަދަލުކުރައްވައި، ހޯމަދުވަހަކީ އީދު ދުވަސްކަމަށް ކުރީގެ ރައީީސް މައުމޫން އަބްދުލްގައްޔޫން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުރިން ރައީސް މައުމޫން ވަނީ މާޗު 31 ވާ އާދީއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެމަނިކުފާނު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަރާބަރު ފަލަކީ ހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް އިރާއިހަނދު އޮއްސެނީ އެއްވަގުތެއްގައި ކަމަށެވެ. އެއީ 18 ގަޑި 14 މިނެޓުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫނު އިތުރަށް ވިދާޅުވީ އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެ ކަމަށެވެ.
އަދި އިސްލާމީ އެހެން ގައުމަކަށް މިރޭ ހަނދު ސާބިތުވެގެން ރާއްޖެއަށް ހަނދު ފެނިއްޖެނަމަ، މާދަމާ އީދަށްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

