ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު މާލެއާއި ހުޅުމާލޭގައި އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ، އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ ގަޑިތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.

ނަމަވެސް އެ ގަޑިތަކުގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ އެ ކައުންސިލްގެ ތައިސޭކޮށީގައި ހުންނަ އާންމު ހިދުމަތާ ބެހޭ ބައިން މާދަމާ 08:00އިން 14:00އަށް ދޫކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކައުންސިލުން ވަނީ ދީފައެވެ.