ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ލިވަރޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން މިއަދު މެންދުރު ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން ރައީސް އޮޅުންފިލުއްވިއެވެ.
އަދި، މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ އެދަރިވަރުންނަށް ދެއްވާފައެވެ.
ދިވެހި ދަރިވަރުންނާ މިގޮތަށް ބައްދަލުކޮށްލެއްވުމުން ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ކަމަށާއި، އެދަރިވަރުން މަތީ ތައުލީމު ހާސިލްކުރުމުގައި ލިބިފައިވާ ކާމިޔާބީތަކާއިމެދު ފަޚުރުވެރިވެވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، ގައުމުގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެެއްވިއެވެ.
ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުންނާ އަދި އެޤައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާކަމެކެވެ.
އެބައްދަލުވުންތަކުގައި ދިވެހީންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވައި، އެކަމަށް ހައްލުތައް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވަވައެވެ.

