ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ސިއްހީ ދާއިރާ އިން ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގެ ކުރިއެރުމަކީ ވަރަށްބޮޑު އިސްކަމެއްދީގެން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

”ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ ވަރަށްގިނަ ރަށްރަށުގައި، ވަރަށްގިނަ ހެލްތު ސެންޓަރުތަކާއި، ހޮސްޕިޓަލްތައް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެ.“ ކުރިއަށް ހުރި މަޝްރޫއުތަކަށް އަލިއަޅުވައިލައްވައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ، މިވަގުތު ހުއްޓިފައި ހުރި މަޝްރޫއުތައް މި މަސް ނިމުމުގެ ކުރިން ފެށުމަށް ކަމަށެވެ.

”އެ ޓާގެޓް ހާސިލުކުރުމަށްޓަކައި މީޑިއާއިން ފެނިވަޑައިގަންނަވާނެ، ވަރަށްގިނަ މަޝްރޫއުތަކުގައި މިދިޔަ ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ސޮއިކުރެވެމުންދިޔަކަން. އެއީ، އެކަން އިނގޭތޯ މައިގަނޑު ގޮތެއްގައި. އާ މަޝްރޫޢުތަކުގައިވެސް ސޮއިކުރެވިފައި އެބަހުރި. އެކަމަކު އެކި ސަބަބުތަކާ ހެދި ނުހިނގާހުރި މަޝްރޫއުތައް، ނުހިނގައިގެން އުޅޭ މައްސަލަތައް ހައްލުކޮށްދީފައި، މިހާރު ކުރެވޭނެގޮތް މި ހެދީ.“ ރައީީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާއިރު، ކުރިއަށް އޮތްތަނުގައި އެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށެވެ.