ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުޓްބޯލް ފޮރ ޕީސްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފިއެވެ.

ފުޓްބޯލް ފޮރ ޕީސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ އެ ޖަމިއްޔާގެ ކޯ-ފައުންޑަރ، ކާޝިފް ސިއްދީގީއާއި، ބްރެޑްފަރޑް ސިޓީ އޮފް ކަލްޗަރ 2025ގެ ސީއީއޯ، ޝާހްނާޒް ގުލްޒާރެވެ.

މި ބައްދަލުކުރެއްވުމުގައި، ޔުނިވަރސިޓީ ޕީސް ސެންޓަރގައި ފުޓްބޯލް ފޮރ ޕީސްއިން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު، ރައީސްއަށް ވަނީ އަރުވާފައެވެ.

މީގެއިތުރުން އެ މަނިކުފާނު ވަނީ އެ ސެންޓަރުގެ ފުޓުބޯޅަ ދަނޑުތައް ބައްލަވާލައްވައި، އެ ވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދިޔަ ޒުވާނުންނާ ބައްދަލުކޮށްލައްވާފައެވެ.

2013 ވަނަ އަހަރު އުފެދުނު ފުޓްބޯލް ފޮރ ޕީސްއަކީ، ފުޓުބޯޅައިގެ ޒަރިއްޔާއިން އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމަށް އދގެ އޮފީސް ފޮރ ސްޕޯރޓްސް ފޮރ ޑިވަލޮޕްމަންޓް އެންޑް ޕީސްގެ އެހީތެރިކަމާއެކު ހިންގާ، ބައިނަލްއަޤުވާމީ އެން.ޖީ.އޯއެކެވެ. ފުޓްބޯލް ފޮރ ޕީސް އަކީ ސުލްހަ ކުރިއެރުވުމާއި، ޝާމިލު އިޖުތިމާއީ ވެއްޓަކަށް ތާޢީދުކުރާ، ސްޕޯޓްސް ޑިޕްލޮމެސީ އާއި ދޭސީ ޕްރޮގްރާމްތަކުގެ ތެރެއިން އެކި ފަންތީގެ މީހުން ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ.

އަޅާނުލެވި، އެކަހެރިވެފައިވާ ޒުވާން މުޖުތަމައުތައް ބާރުވެރިކުރުވައި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކޮށްދިނުމާއި، ކޮންފްލިކްޓް ރިޒޮލިއުޝަން ނުވަތަ ދިމާވާ މައްސަލަތަކަށް ސުލްހަވެރި ގޮތެއްގައި ހައްލު ހޯދޭނެ އުކުޅުތައް މި ހަރަކާތުގެ ދަށުން ދަސްކޮށްދެއެވެ.

އަދި މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޗެރިޓީ މެޗުތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ކުޑަކުދިންނާއި ކޯޗުންނާއި ޓީމް މެނޭޖަރުންނަށް ބޭނުންވާ ހުނަރުތައް ލިބި، މީގެފައިދާ ބައިނަލްއަގްވާމި މުޖުތަމައުށްވެސް ލިއްބައިދެއެވެ.