އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ޔަހޫދީން ފަލަސްތީނުގެ ޣައްޒާގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ ތިން ސްކޫލަކަށް ދިން ވައިގެ ހަމަލާތަކުގައި 33 މީހަކު ޝަހީދުކޮށްލައިފައިވެއެވެ. އަދި މި ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމް ވެސް ކޮށްލައިފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި މިދަފަ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމާބެހޭ ގާނޫނާ މުޅިން ހިލާފު އަމަލުތަކެއް ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޣައްޒާގައި ޒަހަމްވި މީހުންނަށް އެހީވުމަށް ބޭނުންވާ ޒަރޫރީ ސިއްހީ ސާމާނު ހަލާކުކޮށްލައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފަށް ސައުދީ ސެންޓާ ފޯ ކަލްޗާ އެންޑް ހެރިޓޭޖުން ހިންގާ މެޑިކަލް ގުދަނަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރި ކޮށްފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް އަދި ނިންމަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖްތަމައުއަށް ގޮވައިލައިފައެވެ.

އަދި އިޒްރޭލުން ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، މި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވައި، ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ރާއްޖެއިން ވަނީ ގޮވައިލައިފައެވެ.