ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްގީ ކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިހުތިސާސުން އެރަށް ވަކިކޮށް، ގދ. ހޯނޑެއްދޫގެ އިހްތިސާސަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި ގަރާރުންނެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.

