އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއް ނެތި ބޮން އަޅައި، ހަމަލާތައް ދެމުން އަންނައިރު، އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ޝަހީދު ކުރަމުން ދެއެވެ.

ބޭރުގެ މީޑިއާތަކުގެ ސުރުހީން މިއަދު ސަމާލުކަމަށް އައި އެއް ވާހަކަ އަކީ، އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޣައްޒާގައި މަސައްކަތް ކުރަމުންދިޔަ އަންހެން ނޫސްވެރިޔަކު ޝަހީދުކޮށްލި ވާހަކައެވެ.

މިގޮތުން، ނޫސްވެރިޔާ އިސްލާމް މިގްދާދު ޝަހީދުކޮށްލާފައި ވަނީ، އޭނާގެ އުމުރުން ދެ އަހަރުގެ ދަރިފުޅު، އާދަމް ވެސް އެކުގައެވެ.

ކުރިން ދިން ހަމަލާއެއްގައި އިސްލާމްގެ އަންހެން ދަރިފުޅަށް ލިބުނު ޒަހަމްތަކާ ގުޅިގެން އޭނާ އަށް ފަރުވާ ދިނުމަށް ބޭރަށް ގެންގޮސްފައިވަނިކޮށް، އިސްލާމްއާއި އޭނާގެ ހަގު ދަރިފުޅު ޝަހީދުކޮށްލުމުން، އަންހެން ދަރިފުޅަށް މި ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ.

އަދި އިސްލާމްގެ ފިރިމީހާ ވެސް ވަނީ އެކަނިވެރިވެފައެވެ.

އިޒްރޭލުން، އެބައިމީހުންގެ އަސީރުން މިނިވަން ކުރުމަށް ހަމާސް އަށް ބާރު އެޅުމަށް ކަމަށް ބުނެ، ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފުވެ، ޣައްޒާ އަށް އަލުން ހަމަލާތައް ދޭން ފެށީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.

ޓެރަރިސްޓުންނާ ދެކޮޅަށް ކަމަށް ބުނެ، އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ އާއްމުން ދިރިއުޅޭ އިމާރާތްތަކާއި، ހިމާޔަތް ހޯދަން އެތައް ބަޔަކު ވަދެ ތިބި ސްކޫލްތަކަށް ވެސް ހަމަލާ ދެމުންނެވެ.