ދަރީންނަށް ތައުލީމު ދިނުމަކީ ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓުކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިރާސީ އަހަރު 2025 ފެށުމުގެ އުފަލުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައި ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައިވެއެވެ.

މިގޮތުން ވަސީލަތްތަކާ ޖާގައިގެ ގޮތުން ފަހި ސްކޫލް މާހައުލުތައް ގާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދީ، ތައުލީމީ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަހުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލު ކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލުވުމަށް ސަރުކާރުން ހިންމަތް ކުރާނެކަމުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ކުރިއަށްއޮތް ދުވަސްތަކުގައިވެސް އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އެމަނިކުފާނު ދެއްވާފައިވެއެވެ.

މީގެ އިތުރުންވެސް ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ ގުޅިގެން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވަނީ ބާރުއަޅުއްވާފައިވެއެވެ.

އަދި މި ފެށުނު ދިރާސީ އައު އަހަރު، ރައްޔިތުން އެއް ރޫހެއްގައި ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ހަމައެއާއެކު ގައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ހާސިލު ކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްގީ ކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

 

ރައީީސްގެ ހިތާބު ނިންމަވާލައްވަމުންވެސް އެމަނިކުފާނު އިލްތިމާސް ކުރައްވާފައިވަނީ މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ ހިދުމަތްތެރީން ކަމަށްކަމޭ ހީކުރެއްވުމާއިއެކު، އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ.

އަދި ބެލެނިވެރީންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ލޮބުވެތި ދަރީންނަށް ރަނގަޅު ތަޢުލީމާއިއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރެއްވުމަށެވެ. އަދި ދަރިވަރުންނަށް ދެއްވި ނަސޭހަތަކީ، ކިޔެވުމަށް ހާއްސަކޮށް އުމުރުގައި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ބަސްއަހާ ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމަށެވެ.

 

ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ތަހުނިޔާ ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައިވެސް ތަހުނިޔާ އަދާކުރެއްވުމަށްފަހު ދަރިވަރުންނަށާއި، ބެލެނިވެރީންނަށް، އަދި ހީވާގި މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ބާއްޖަވެރި، ފާގަތި އަހަރެއްކަމުގައި މާތް ﷲ މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާފައިވެއެވެ.