އއ. ރަސްދޫގެ އައިސް ޕްލާންޓް ގާއިމުކޮށް، ހިދުމަތް ދެވޭނީ 2023 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައި ކަމަށް ލަފާ ކުރެވޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

Ads by Asuru

ރަސްދޫގައި އައިސް ޕްލާންޓެއް ގާއިމު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެއްކަން ފާހަގަކުރައްވައި، އެ މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފެށޭނީ ކިހާ ހިސާބެއްގައިތޯ އާއި، މަޝްރޫއު ކުރިއަށް ގެންދަން ރޭވިފައިވާ ގޮތަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.

ޝިޔާންގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ސައުދީ ފަންޑުގެ އެހީގައި ރަސްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސުން އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންއަށް އެންމެ ފުރަތަމަ ހުޅުވާލީ 9 ސެޕްޓެމްބަރު 2021 ގައި ކަމަށާއި، މި ޓެންޑަރގެ މުއްދަތު، 21 އޮކްޓޯބަރު 2021 ގައި ހަމަވެފައިވާއިރު، އެ މުއްދަތުގައި ބިޑް ހުށަހެޅީ އެންމެ ފަރާތަކުން ކަަމަށެވެ.

ނަމަވެސް މިއީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑަކަށް ވެފައި، ބިޑް ހުށަހަޅާ ފަރާތުން ބިޑް ހުށަހެޅުމުގެ ކުރިން ރަޖިސްޓްރީ ވާންޖެހޭއިރު، ރަސްދޫގައި އައިސް ޕްލާންޓް ގާއިމު ކުރުމަށް ބިޑް ހުށަހެޅި ފަރާތަކީ ކުރިން ރަޖިސްޓްރީ ވެފައިނުވާ ފަރާތަކަށް ވާތީ، އެ ފަރާތުގެ ބިޑް ޑިސްކޮލިފައި ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ބިޑް ހުށަހެޅުމަށް ކުރިން ރަޖިސްޓްރީ ކުރި ހަތަރު ފަރާތުން، ބިޑް ހުށަހަޅާފައެއް ނުވޭ. ފުރަތަމަ ފަހަރަށް ބިޑް ކުރުމުން ނުކުތް ނަތީޖާއަށް ބަލާއިރު، ބިޑު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވިކަން ފާހަގަ ކުރެވުނު. އެންމެ މުހިންމު ކަމަކީ ބޭރުން ތަކެތި، ކަނޑުމަގުން ގެނައުމަށް ދަތިތައް ހުރުމުން، ދީފައިވާ ހަމަސް ދުވަހުގެ ތެރޭގައި އެކަން ނުކުރެވޭނެ ކަމަށް ބެލެވޭކަން.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަންކަމާ ގުޅިގެން ދެވަނަ ފަހަރަށް ބީލަން ހުޅުވާލުމަށްޓަކައި، ބީލަން ކަރުދާހަށް ބަދަލުތައް ގެނެސް، ފިނޭންސް މިނިސްޓްރީގެ ސިޓީއަކާއެކު މިއަހަރުގެ ފެބްރުއަރީމަހުގެ ހަވަނަ ދުވަހު ސައުދީ ފަންޑަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ.

މިގޮތުން ބީލަން ކަރުދާހަށް ގެނައި ބަދަލުތަކުގެ ތެރޭގައި، އައިސް ޕްލާންޓް ގާއިމު ކުރަން ކުރިން ރޭވިފައިވާ މުއްދަތު ހަމަހުން އަށް މަހަށް ބަދަލު ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިބަދަލުތައް ބަލައިގަންނަކަން ސައުދީ ފަންޑުން އެންގީ މިއަހަރުގެ މާޗުމަހުގެ 22 ވަނަ ދުވަހުއެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ބީލަމަށް ބަދަލުތައް ގެނެސް އަލުން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން، ފިޝަރީޒް މިނިސްޓްރީއަށް އެންގީ މިއަހަރުގެ މާޗުމަހުގެ 23 ވަަނަ ދުވަހު ކަމަށާއި، އޭޕްރީލްމަހުގެ 21 ވަނަ ދުވަހު އައިސްޕްލާންޓްގެ ބީލަން އިއުލާނު ކޮށްފައިވާ ކަމަށެެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދަނީ، ބިޑް ހުށަހަޅާނެ ކަމަށް ބެލެވޭ ފަރާތްތަކުން ބީލަމުގެ މައުލޫމާތު ސާފު ކުރުން ކަމަށެވެ. އަދި ބިޑް ހުށަހެޅުމުގެ މުއްދަތަކީ ޖޫންމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަސައްކަތް ހަވާލު ކުރެވޭނެ ފަރާތަކާއެކު އެއްބަސްވުމުގައި ސޮއި ކުރެވޭވަރުވާނީ ޖޫންމަހުގެ ތިންވަނަ ހަފްތާގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި އައިސް ޕްލާންޓްގެ މަސައްކަތް ނިމި، ހިދުމަތް ދެވޭނީ އަންނަ އަހަރުގެ މާޗުމަހުގައި ކަމަށްވެސް ލަފާ ކުރެއްވޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.