އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާއަށް ފަރުވާ ދިނުމަށް އިންޑިއާއަށް ގެންގޮސްފިއެވެ.
އެ ހާދިސާގައި ފިހުނީ އަލީ ސާމިން ނަމަކަށް ކިޔާ މީހެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ފިރިހެން މީހާއަށް ފަރުވާދިނުމަށް ރާއްޖެއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ ފަރުވާއަށް ގެންގޮސްފައިވަނީ އިންޑިއާއަށެވެ.
އެ ފިރިހެން މީހާ ފިހިފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ 11:15 އެހާކަންހާއިރު ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައެވެ.
އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ވެންޓިލޭޓަރުން ނަގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ.
އަދި އޭނާ ވެންޓިލޭޓަރުން ނެގި ނަމަވެސް ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ.
އެ އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ މަރުވެފައެވެ.

